ގދ. މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ.
އަރިހުގައި ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝަމީޒް، މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސައުދުﷲ ޙިލްމީ، އަދި މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 06 ނޮވެމްބަރު 2025 ގައެވެ.
މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހެ ވުޒާރާއިން ވިދާޅުވިއެވެ.




