އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިހާބުތަކަށް ބޭނުންވާ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ބޭނުންވާ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ.
މިގޮތުން އަތޮޅުތަކުގައި ގާއިމުކުރާ ވޯޓުލާ 347 މަރުކަޒަށް ބޭނުންވާ ވޯޓު ފޮށި، ވޯޓު ކަރުދާސް އަދި އޮފިޝަލުން ބޭނުންކުރާނެ އިތުރު ސާމާނުތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، އެކި ބެޗުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް މިރޭގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. މީގެ އިތުރުން ކ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އާއި 31 ވަނަ ދުވަހުއެވެ.





