ރާއްޖޭގެ ދެކުނުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން، ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ބުރާސްފަތި ދުވަހު ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 144.43 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫއުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގަ ހިމެނޭ އާ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ހޮސްޕިޓަލުގައި އަލަށް ގާއިމުކުރާ އެމްއާރްއައި ހިދުމަތުގެ މަސައްކަތާއި، ފީނުމުގެ ހާދިސާތަކުގައި ފަރުވާ ދިނުމަށް ބޭނުންކުރާ ހައިޕަރބެރިކް އޮކްސިޖަން ޗޭމްބާ އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

"މި މަޝްރޫއު ނިމުމުން ތިނަދޫއާއި މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.
10,000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ މުޅި އަތޮޅުގެ ސިއްހީ މަރުކަޒުގެ ގޮތުގައި ބެލެވޭ ރަށެވެ. މިހާރު ފެށިފައިވާ އާ ވިންގުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި، ތިނަދޫ ސިޓީގެ މަޖިލިސް މެންބަރުންގެ އިތުރުން ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަކީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.




