ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ދުރު ރާސްތާއަށް އަމާޒުކޮށްގެން ފަށާ ފުޅާ މަޝްރޫއެއް ކަމަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް މިހާރުގެ އަންދާޒާތަކުން ދައްކައެވެ.

"ތެލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ބަރޯސާވާންޖެހޭ ވަސީލަތް ކަމަށްވާތީ، އޮއިލް ރިޒާވެއް ގާއިމްކުރުމަކީ ގައުމީ ފެންވަރުގައި ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު މި ރިޒާވް ސިފަކުރެއްވީ "ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު" ފަދަ، އިޤްތިސާދީ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށްދޭނެ ވަސީލަތެއްގެ ގޮތުގައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށާއި، އޭގެ ފައިދާ އާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ހިނގާ ކަންކަމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށާއި، މި ރިޒާވްގެ ސަބަބުން ރާއްޖެއަށް ލިބޭނެ ކުރިއެރުންތަކުގެ ތަފްސީލު ދިރާސާތައް ނިމުމުން ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި އިޤްތިސާދީ މާހިރުން ދެކެވަޑައިގަންނަވައެވެ.




