ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ވަކި ހާއްސަ ގާނޫނެއް އެކުލަވައިލުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މަރުގެ ޙުކުމް އިއްވައި، ޝަރުއީ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައިވާ ގިނަ ބަޔަކު އެބަތިއްބެވެ.
މީގެ ކުރީގެ ސަރުކާރުތަކުންވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް އެކަން އަމަލީގޮތުން ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ކަންކަމުގައި ދޫދިނުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް އިހްތިޔާރެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ޤާނޫނީ އޮނިގަނޑެއްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރިއަށްގެންދަވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ބިލު މަޖިލީހުން ފާސްވެ، ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރިއަށް ގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަރުގެ އަދަބާ ބެހޭ ހާއްސަ ގާނޫނެއް ހެދުމަކީ ރާއްޖޭގައި ޢަދުލު އިންސާފާއި އިޖުތިމާޢީ ޢަދުާލަތު ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އިސްލާމީ ގައުމެއްގައި އެ އުސޫލުތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




