ކުޅުދުއްފުށީގައި ޤާއިމްކުރާ އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު އެޕްރީލް މަހު ބޭނުންކުރަން ފަށާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަޠީން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަކުރާއިރު ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ޚާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާ ތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާ ހަނގުރާމާއިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ޚިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ޤާއިމު ކުރުމަށް 2025 ވަނަ އަހަރު ހދ.ކުޅުދުއްފުށީގައި އެމްޑަބްލިޔުއެސްސީން ފެށި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން މަޠީން ވިދާޅުވީ މިހާރު ކުރިއަށްގެންދާ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލް މަހުން ފެށިގެން ހދ. ކުޅުދުއްފުށީގައި ޑީސަލާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށެވެ.
"މިއާއެކު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެންދާނެ. މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް"، މަޠީން ވިދާޅުވިއެވެ.
އަދި މަޠީން ވަނީ މި ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްތަކެއް ކޮށްދެއްވާ އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.




