މި އަހަރުގެ ފިތުރު ޢީދުގެ އުފަލުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބޭއްވި "ޢީދު ހަވީރު 1447" ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.
މާރިޗު 20 އިން 22 އަށް ބޭއްވި މި ހަރަކާތްތައް، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ސިވެކް އިން ކުރިޔަށްގެންދިޔަ ފޯރމް ޕޫލް ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، އެމްއެންޑީއެފް މެރިން ކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، ސްޕެޝަލް އޮޕަރޭޝަން ގްރޫޕްއިން ކުރިއަށް ގެންދާ އޯވަހެޑް އޮބްސްޓިކަލް ކްރޮސިންގެ އިތުރުން ސްޕެޝަލް ފޯސަސްއިން ކުޑަކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
އަދި، އެމްއެންޑީއެފް އެރއަރ ކޯރއިން ޔޫއޭވީ ޑިސްޕްލޭގެ އިތުރުން ސިމިއުލޭޓަރ ތަޖުރިބާކުރުމާއި، އެއަރ ޕިސްޓަލް އަދި އެއަރ ރައިފަލުން ޝޫޓްކޮށްލުމުގެ ފުރުޞަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޓޯލުން ތަޖުރިބާކޮށްލުމާއި، ކުޑަކުދިންނާ ގުޅޭ އިހުޒަމާނުގެ ފުލޯކް ވާހަކަތަކުގައި އުޅޭ ބައެއް މީހުންގެ ސިފަ ދައްކުވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި، ދިވެހި ސިފައިންގެ ކުލަބުން ޕެނަލްޓީ ޝޫޓްއައުޓް ތަޖުރިބާކުރުމުގެ ހަރަކާތުގެ އިތުރުން މަސައްކަތްތެރިކަމުގައި ބޭނުންކުރާ އެކިއެކި އާލާތްތައް ތަޖުރިބާކޮށްލުމަށް އެމްއެންޑީއެފް ސަރވިސް ކޯރއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ސަޤާފީ ހަރަކާތްތަކެއް ހުށަހަޅައިދީފައިވެއެވެ.
ސިފައިންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ޢީދު ހަވީރުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މި އަހަރުގެ ޢީދު ހަވީރުގެ ހަރަކާތްތަކަށްވެސް ކުޑަކުދިންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.




