މިއަހަރު ބާއްވާ ފޯރިގަދަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އާންމުންނަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ލެޑް ސްކްރީނެއް ހަރުކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި ސްކްރީނަކީ ހަމައެކަނި ފުޓްބޯޅަ ބެލުމުގެ އިތުރުން، މުޖުތަމައުއަށް ފައިދާހުރި ތަފާތު ޕްރޮގްރާމްތައް ދެއްކުމަށް ވެސް ބޭނުންކުރާނެ ވަސީލަތެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުކަން ދިނުމަށް ކައުންސިލުން އެދެއެވެ:
- މައުލޫމާތު ސާފުކުރުން: މާރިޗު 29 ވާ އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލް ހޯލުގައި.
- އަގު ހުށަހެޅުން: އޭޕްރީލް 7 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި.
މި ބީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކުގެ އިތުރުން ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.
މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. ގަޑީގެ ތަފާތުން މެޗުތައް ރާއްޖޭގެ ގަޑިން ދައްކާނީ މެންދަމު 12:00 އާއި ހެނދުނު 6:00 އާ ދެމެދުގައެވެ.




