އައްޑޫ ސިޓީގައި އިއްޔެ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވި ޑްރައިވަރުގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެސް އައި.ޖީ.އެމް.އެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރު 16:50 އެހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުންނެވެ. މި ހާދިސާގައި ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކާރު ދުއްވަން އިން 42 އަހަރުގެ މީހާއަށެވެ. އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ހާލު ސީރިއަސްވުމާ ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ މާލެ ބަދަލުކޮށްފައެވެ. މި ހާދިސާގައި އަނިޔާވި އަނެއް ތިން މީހުންނަށް މިހާރުވެސް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.




