އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ނައުރޫޒް މުނާސަބަތުގައި ދެއްވި މެސެޖެއްގައި، އެ ޤައުމުން އަވަށްޓެރި ޤައުމުތަކާ އެކު ހަނގުރާމައަކަށް ދާން ބޭނުންނުވާކަން ހާމަކުރައްވައިފިއެވެ.
އިރާން ސަރުކާރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ރައީސް ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ދުޝްމަނުން ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނަތީޖާ،" ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވަށައިގެންވާ ލޮބުވެތި އަވަށްޓެރިންނަކީ އަޅުގަނޑުމެންގެ އަޚުން. ތިޔަބޭފުޅުންނާއެކު ހުރި ހުރިހާ ޚިޔާލުތަފާތުވުންތަކެއް ހައްލުކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
ސަރަޙައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޤައުމުތައް ހިމެނޭ ސަރަޙައްދީ ސަލާމަތީ އޮނިގަނޑެއް އެކުލަވައިލުމަށް އީރާނުން ހުށަހަޅާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ސަރަޙައްދުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަނުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ، ނިއުކްލިއަރ ހަތިޔާރަކީ ދީނީ ގޮތުން ހަރާމް ކުރައްވާފައިވާ އެއްޗެއް ކަމަށް ފަތުވާ ދެއްވާފައިވާކަން ރައީސް ޕެޒެޝްކިއަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެފަދަ ހަތިޔާރު ހޯދުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ އެއްވެސް އޮފިޝަލަކަށް ހުއްދަ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




