އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާނާގެ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އިސްވެރިޔާ އިންޒާރު ދެއްވައި، ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތައް ހުޅުވާފައި ބެހެއްޓުމަށް އިލްތިމާސް ކުރައްވައިފިއެވެ.
ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެންގޯޒީ އޮކޮންޖޯ-އިވިއާލާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން "ދުނިޔޭގެ ކާނާގެ ރައްކާތެރިކަމަށް ނުރައްކާވަނީ، މުދާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވުމާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން ގަސްކާނާ ލިބޭ މިންވަރު މަދުވެ، އޭގެ އަގު އުފުލޭތީ" ކަމަށެވެ.
ދުނިޔޭގައި ބޭނުންކުރާ ނައިޓްރޯޖަން ގަސްކާނާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަތުރުކުރަނީ ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ.
"މި ތަކެތި ފޯރުކޮށްދިނުމަށް ދިގު މުއްދަތަކަށް ބުރޫއަރައިފިނަމަ، އޭގެ އަސަރު މުޅި ކާނާގެ ނިޒާމަށް ފޯރައި، ދަނޑުވެރިން ގަސްކާނާ ބޭނުންކުރާ މިންވަރު މަދުކޮށް، މަދު ވަސީލަތްތަކުން ހެއްދޭ ބާވަތްތައް އިންދުމަށް މަޖުބޫރުވާނެ،" އޮކޮންޖޯ-އިވިއާލާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ނަސޭހަތްތެރިވެވަޑައިގަތީ "ދުނިޔޭގެ ކާނާގެ ވިޔަފާރީގެ މަގުތައް ހުޅުވާފައި ބެހެއްޓުމާއި، އެއީ އިތުބާރު ހުރި މަގުތަކަކަށް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ކަމަށެވެ. އެއީ ކާނާގެ ބާވަތްތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށެވެ.




