ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އެ ހާދިސާގައި ހާލުގައި ޖެހޭ މީހުންނަށް އެހީވާން ސޯޝަލް ސެންޓަރުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
ރޯވި ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައިކަމަށެވެ. ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހުންވަނީ ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންދެވިފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
އެހީތެރިކަމަށް ބޭނުންވާ ބަޔަކު ތިބި ނަމަ ސޯޝަލް ސެންޓަރުގައި ހުރި އެމްޑީއެމްއޭގެ މަރުކަޒަކަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ރޭ 10:00 ޖަހާކަންހާއިރު ގުދަނުގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްްކޮށް ނިއްވާލެވިފައެއް ނުވެއެވެ. އަލިފާން ނިއްވުމަށް އެއާޕޯޓްގެ ފަޔާ ވެހިކަލްްވެސް އަންްނަނީ ބޭނުންްކުރަމުންނެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، ގުދަން ވަނީ އަނދާ އަޅިއަށްވެފައެވެ.




