މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކުރަން އިއްޔެއިން ފެށިގެން 2 މަސް ދުވަސް ދީފިއެވެ.
"އިލެކްޓްރިކް އުޅަނދު ނުވަތަ އ.ީވީ ވެހިކަލް" ކަމަށް ބުނެފައި ވަނ،ީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައ،ި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުން ކޮށްގެން ދުއްވިދާނެ ކޮންމެ އުޅަނދަކަށެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" އަށް 7 ވަނަ އިސްލާޙު ގެނެސްފައިވަނީ، އިލެކްޓްރިކް އުޅަނދުތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމަށާއި، އުޅަނދު ރަޖިސްޓްރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.
މި އިސްލާޙުގެ ދަށުން އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ، ފެހި ކުލައިގެ ނަންބަރު ބޯޑެވެ. މިއީ، މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަކާއި، އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ. މި ބަދަލަކީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ނިޒާމުގައިވެސް ބޭނުންކުރާނީ އީވީ ކާރުތަކެވެ. އެގޮތުން ފުރަތަމަ ބުރުގައި 150 ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.




