ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް ބަދަލުކުރުމަށް ފަހު، އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި އެވެ.
ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކަރެކްޝަންސް އިން ބުނީ އިއްޔެ, ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށްވެސް އެފަރާތުން ބުނެއެވެ.
ނަމަވެސް ސާޖަރީއަށް ފަހު ދޭ ފަރުވާ އަށް އޭނާ މިވަގުތު ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.




