ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
މި މަޝްރޫގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކުރީ ޖުމުލަ 126 މިލިއަން ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ޝާމިލެއެވެ. އަދި، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީއެވެ.
މިނިސްޓްރީއިން ވަނީ މި އެއްބަސްވުމުގެ ޖުމުލަ އަގު 126,359,594 ރުފިޔާއަށް އަރާކަމަށް ބުނެފައެވެ. މި ޕްރޮޖެކްޓުގެ މުއްދަތެއްގެ ގޮތުގައި މިނިސްޓްރީން ކަނޑާއަޅާފައިވަނީ 600 ދުވަހެވެ.
މި ޕްރޮޖެކްޓާއެކު، މާލެ ބާޒާރުމަތީ ސަރަޙައްދުގައި ހިންގަމުންދާ ހުރިހާ މާރުކޭޓުތަކެއް މި އިމާރާތައް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާރު ބާޒާރުމަތީގައި މި ޚިދުމަތްތައް ދެނީ، ވަކި ބިންތަކުގައި ވަކިން ހިންގާ މާރުކޭޓުތަކެއްގެ ގޮތުގައެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓު، މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓުވެސް ހިންގަމުން ދަނީ ވަކިންނެވެ.
މާލޭގެ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، އެތަނަކީ ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ ސަރަޙައްދަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އެ ސަރަޙައްދުގެ މަގު ފުޅާކޮށް، ތާރު އަޅުމަށްފަހު އެ ސަރަހައްދު ވަނީ ތަރައްޤީކޮށްފައެވެ. އަދި ބޯޓުތަކާއި، މަސް ދޯނިތައް ކައިރި ކުރާ ބަނދަރު ސަރަޙައްދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިމިގެންދާއިރު، އެ ސަރަޙައްދުގެ މަލަމަތި ބަދަލުވެ، މުޅި އެ ސަރަޙައްދަށް ބޮޑު ލުޔެއް އަންނާނެއެވެ..