ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، އާ ކުންފުންޏެއް އުފެއްދިތާ ހަ މަސް ފަހުން އެ ކުންފުނިން ބޭސް އެތެރެކުރަން ފަށައިފިއެވެ.
ބޭސް ކުންފުނި އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ.
އޭގެފަހުން މިހާރު ހަ މަސް ފާއިތުވިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ބޭހަށް ޚާއްސަ ކުންފުނިން މިހާރު ބޭސް އެތެރެކުރަން ފަށައިފި ކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ ބޭސް ވެސް އެ ކުންފުނިން މިހާރު ސަޕްލައިކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެސްޓީއޯއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ފަށައި ފެބުރުއަރީ މަހުގެ 15 އަށް ނިންމަން މަސައްކަތް ކުރާ ކަމަށް ވެ އެވެ.
އެސްޓީއޯގެ ދަށުގައި ހުރި ހުރިހާ ބޭސް ފިހާރަތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަތައް ހިންގާތާ 10 ވަރަކަށް އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި އެކި ސަރަހައްދުތައް ހިމެނޭގޮތަށް އެސްޓީއޯ އިން 196 ބޭސް ފިހާރަ އަންނަނީ ހިންގަމުންނެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުސަދުގައި އުފެއްދި ކުންފުންޏެކެވެ.




