މަސްތުވާތަކެއްޗާއެކު މިދިޔަ މަހުގެ 20ގައި ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހެޅި ނަމަވެސް، އެ މީހާގެ ފަރާތުން ފުލުހުގައި އެ ފަދަ ޝަކުވާއެއް ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އެޗްއާރުސީއެމް އިން ތަހުގީގު ކުރަމުންދާކަން ފުލުހުނަށް މިހާރު ވަނީ އަންގާފައެވެ.
ފުލުހުން ވަނީ އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް އޭނާ ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް ވެސް އެދިފައި ނުވާކަަަމަށް ފުލުހުން ބުނެއެވެ.




