ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޤާސިމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަންނަ އޭޕްރިލް މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަޤީޤަތެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ. އަދި މިހާރު ކަން ހިނގާގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ރައްޔިތުން 5 އަހަރުގެ ދައުރެއް ދިން ނަމަވެސް އެ ރައީސަކު ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަސް ހޭދަކުރަން ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.




