އަލް އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
އެެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭގެ ތެރެއިން ގިނަ ބަޔަކު އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް އެދުނުކަމަށެވެ.
އަދި އެ ކޯޕަރޭޝަންގައި ޖާގަ އޮތް މިންވަރުން 28 މީހުންނަށް ވިސާ ޖަހައި މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އެ 28 މީހުން މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން ސައުދީ ޢަރަބިއްޔާއަށް ޢުމްރާގެ އަޅުކަމަށް ފުރާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ އެހެން ގުރޫޕްތަކުގައި އުމްރާގެ އަޅުކަމަށް ގޮސް ރާއްޖެ ނާދެވި ތާށިވުމުން އެމީހުންނަށް ދިމާވި ދަތިތަކަށްވެސް ހައްލުގެނެސްދީފައެވެ.




