މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ އެވުޒާރާއިން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި ކަމާއި ގުޅޭ އަދި ބައިނަލްއަޤްވާމީ އިދާރާތަކާއި ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށްވަނީ ބުނެފަވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ވުޒާރާގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުންކަމަށެވެ.
މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީނަމަވެސް އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދާނީ ތާވަލާއި އެއްގޮތައްކަމަށް ބުނެއެވެ. މީގެ އިތުރުން މިހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން އެ ވުޒާރާއިން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.




