ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ކެންސަލްވެފައިވާ ކަމަށެވެ.
އަދި މީގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެހެންކަމުން، ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން، އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް އެ ވުޒާރާއިން ވަނީ ހުރިހާ ރިސޯޓުތަކަށާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން މަޑުކުރަންޖެހިފައިވާ ފަރާތްތަކުން، އެއާލައިންތަކާއި ކަމާގުޅޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.




