ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ ބ. އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ މާގިރި ހޮޓެލުގެ މުރަކަ މާލަމުގައެވެ.
މި އެއްބަސްވުމުގައި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމް ސޮއިކުރެއްވިއިރު، ހައި ރައިޒުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން އޭދަފުށީގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. މީގެ އިތުރުން މިއީ މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް އަތޮޅުތެރޭގެ މާކެޓަށް ވަނުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެކްސްޕޯގެ އެކި ޕާޓްނަރުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން މެއިން ސްޕޮންސަރ އަދި ސިލްވަރ ސްޕޮންސަރަކީ ބ. އޭދަފުށީ ރެޑް ސްޓާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކަށް މޯލްޑިވްސް މޫވްމެންޓްސް، ޓެކްނޮލޮޖީ ޕާޓްނަރަކަށް 'ފައި-އެސް ސިސްޓަމްސް' އަދި ޓެބްލޮއިޑް ޕާޓްނަރަކަށް އައިލެންޑް ޗީފް ވަނީ ހަމަޖައްސާފައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ ފަރާތަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއެވެ.
ހައި ރައިޒް ކުންފުނިން ވިދާޅުވި ގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.
މި ބޮޑު އެކްސްޕޯ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ރޯދަމަސް ނިމުމަށްފަހު، އީދު ޝޯވއަކާ އެކުގައި ހަ ރޯދައިގެ ފަހުންނެވެ. މި ހަރަކާތަކީ ވިޔަފާރިވެރިންނާއި ކަސްޓަމަރުން އެއް ތާކުން ބައްދަލުވެ، އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ހަރަކާތަކަށް ވާނެކަމަށް މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




