މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި މިއަދު ފަތިހު 5:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކޮށްފައިވަނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމުގެ ކުރިން، އެ ސަރަހައްދު ފެހިކުރުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން މަޝްރޫޢުގެ މަސައްކަތް ކުރި އެމްޓީސީސީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަގު ހުޅުވާލުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. "މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގެއއްގެ ގޮތުގަ އޮތް ސަރަހައްދެއް، އެހެންކަމުން އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުރިމަތިވާތީވެ ސަރުކާރުން މި މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއް ގޮތުގަ މި ކަނޑައަޅަނީ. މިއާއެކު ބާޒާރުމަތީގެ ބާރުބޮޑު ވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ޤަބޫލުކުރަނީ" ވަޒީރު ވިދާޅުވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. އަދި މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައެވެ.
މި މަސައްކަތް ކުރި އެމްޓީސީސީން ބުނިގޮތުގައި، މި މަޝްރޫޢު ނިމުމާއެކު ބާޒާރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މީގެއިތުރުން، މިއީ ހިނގާ މީހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ހެދިފައިވާ އަދި އެ ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ޒަމާނީ މަގަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




