ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ އުމުރުން 41 އަހަރުގައިވެސް ކޮންމެ އަހަރަކު ލަނޑު ޖެހުމުގެ އާދަޔާ ހިލާފު ރެކޯޑު މި އަހަރުވެސް ދަމަހައްޓައިފިއެވެ.
ޕޯޗުގަލްގެ މި ތަރި ވަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށީއްސުރެ މިހާތަނަށް މެދުނުކެނޑި 24 އަހަރު ވަންދެން ކޮންމެ އަހަރަކު މަދުވެގެން އެއް ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމުކޮށްފައެވެ. 2002 ވަނަ އަހަރު ސްޕޯޓިންގް ސީޕީ އިން ކެރިއަރު ފެށި ރޮނާލްޑޯ، ސައުދީގެ އަލް ނަސްރަށް ރޭ ކާމިޔާބުކޮށްދިން ލަނޑާއެކު މި ސިލްސިލާ ވަނީ މެދުނުކެނޑި ދެމިގެން ގޮސްފައެވެ.
މި ރެކޯޑަކީ ލީގު މެޗުތަކާއި، ކަޕް މުބާރާތްތަކާއި، ޔޫއެފާ ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމަށް ޖަހައިދީފައިވާ ރަސްމީ ލަނޑުތަކުގެ މައްޗަށް އެކުލެވޭ ރެކޯޑެކެވެ. މިއީ ކޮންމެ މެޗެއްގައި ލަނޑު ޖެހުމެއް ނޫން ނަމަވެސް، ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވީ ފަހުން ކޮންމެ އަހަރަކުވެސް މަދުވެގެން އެއް ލަނޑު ޖަހާފައިވާކަން މި ރެކޯޑުން ކަށަވަރުވެއެވެ.
މިފަދަ ދިގު މުއްދަތަކަށް މިފަދަ ރެކޯޑެއް ދެމެހެއްޓުމަކީ ކުޅުންތެރިއެއްގެ ފިޓްނަސް އާއި، އަހުލާގު އަދި ހުނަރު ހާމަކޮށްދޭ ކަމެކެވެ. ގިނަ ކުޅުންތެރިން ކުޅެން ފަށާތާ 20 އަހަރު ފަހުން ފުޓުބޯޅަ ކެރިއަރު ނިންމާލާއިރު، ރޮނާލްޑޯ މިހާރު ފްރޮފެޝެނަލް ފުޓްބޯޅަ ކުޅޭތާ ވަނީ 24 އަހަރު ވެފައެވެ. ރޮނާލްޑޯ ދަނީ އުމުރުން 40 އިން މައްޗަށް ދާއިރުވެސް އެނާގެ ކުޅުން އެއްވަރެއްގައި ދަމަހައްޓަމުންނެވެ. ސްޕޯޓިންގް، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަލް ނަސްރުގައިވެސް އޭނާ ވަނީ ލަނޑު ޖެހުމުގެ ހުނަރު ސާބިތުކޮށްދީފައެވެ.
މި ކާމިޔާބީއަކީ ހަމައެކަނި އޭނާގެ ހުނަރުގެ ނަތީޖާއެއް ނޫނެވެ. އެއީ އޭނާގެ ހަށިގަނޑު ބެލެހެއްޓުމާއި ކާމިޔާބީއަށް ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ. ކޮންމެ އާ ލަނޑަކާއެކު ރޮނާލްޑޯ ދަނީ ފުޓްބޯޅަ ތާރީޚުގައި އޭނާގެ ނަން ރަން އަކުރުން ފަވާލަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




