އެސް.އެމް.އީ ޑިޖިޓަލްގެ ފަރާތުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން، އިސްލާމީ ޝަރީޢަތުގެ ހަމަތަކަށް ފެތޭ ދެ ފައިނޭންސިންގް ފެސިލިޓީއެއް ކަމަށްވާ "ގެސްޓްހައުސް އެންޑް ގެސްޓްރޫމް ފައިނޭންސިންގް" މިއަދު ތަޢާރަފުކޮށްފިއެވެ.
މި ފެސިލިޓީތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށާއި، އައު ވިޔަފާރިތައް ފެށުމަށާއި، މިހާރު ހުރި ތަންތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި ފެސިލިޓީތަކެކެވެ. މި ލޯނުތަކުގެ ދަށުން ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވުމުން، ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ވިޔަފާރިވެރިންނަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.
"ގެސްޓްހައުސް ފައިނޭންސިންގް" ފެސިލިޓީއަކީ އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިންގަމުންދާ މަދުވެގެން 6 ކޮޓަރީގެ ތަންތަނަށް އިތުރު ކޮޓަރިތަކާއި ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން، ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ފެށުމަށާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ހޯދުމަށް ދޫކުރާ ފެސިލިޓީއެކެވެ.
އެސް.އެމް.އީ ޑިޖިޓަލް އިން ފުރަތަމަ ފަހަރަށް މި ފެސިލިޓީގެ ދަށުން ދޫކުރާ އެންމެ މަތީ އަދަދު ވަނީ 10,000,000 (ދިހަ މިލިއަން) ރުފިޔާއަށް އިތުރުކޮށްފައެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މަސައްކަތް ފަށައިގަތުމަށް ލުޔަކަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. މި ފެސިލިޓީއަށް އެދޭ ފަރާތްތަކުން ޕްރޮޖެކްޓްގެ ޖުމްލަ އަގުގެ %20 އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
"ގެސްޓްރޫމް ފައިނޭންސިންގް" އަކީ އާންމު ފަރުދުންނަށާއި ކުދި ވިޔަފާރިތަކަށް އަމާޒުކޮށް، "ހޯމްސްޓޭ" ނުވަތަ އެންމެ ގިނަވެގެން 5 ކޮޓަރީގެ ކުދި ގެސްޓްހައުސްތައް ހިންގުމަށް ފުރުޞަތު ހުޅުވާލުމަށް ތަޢާރަފުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން 1,500,000 (އެއް މިލިއަން ފަސްލައްކަ) ރުފިޔާއާ ހަމައަށް ފައިނޭންސިންގް ލިބޭނެއެވެ. ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. މި ފެސިލިޓީގެ ދަށުން ވެސް ޕްރޮޖެކްޓްގެ %20 އިކުއިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނެއެވެ. އަދި ލޯނު ދިނުމުގައި ބަލާނީ ލޯނު އަނބުރާ ދެއްކޭނެ ޤާބިލުކަން ހުރި މިންވަރަށް ބެލުމަށްފަހުއެވެ. މިގޮތުން ލޯނަށް އެދޭ ފަރާތުގެ މާލީ ތަނަވަސްކަން ބަލާނީ ލިބޭ މުސާރަ، ކުލި ނުވަތަ އެހެނިހެން ވިޔަފާރިތަކުން ލިބޭ އާމްދަނީއަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
މި ފެސިލިޓީތައް ތަޢާރަފުކުރުމާ ގުޅޭގޮތުން އެސް.އެމް.އީ ޑިޖިޓަލްގެ ސީ.އީ.އޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިންގްގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދު ވަރުގަދަވެ، ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މީގެ ސަބަބުން އަތޮޅުތެރޭގެ ބެޑް ކެޕޭސިޓީ އިތުރުވެ، ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ވިޔަފާރި ފެށުމަށް މަގުފަހިވެ، ރަށްރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ އާމްދަނީ އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް އުފެދި، މުޅި މުޖުތަމަޢުގެ މާލީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.
މި ދެ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސް.އެމް.އީ ޕޯޓަލް މެދުވެރިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

