ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 'އަމާން ޓަވަރު'ތަކުން އުސޫލާ ހިލާފަށް ކުނި އަޅައި މީހުން ޖޫރިމަނާކުރަން މިއަދު ފަށައިފި އެވެ.
އެފްޑީސީން މިއަދު ބުނީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ 'ގާބޭޖް ރޫމް'ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނި ވަށިތަކަށް ކަމަށާއި ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫން ވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ދަނީ ލިބެމުން ކަމަށް ވެސް ބުންޏެވެ.
އުސޫލުތަކާ ހިލާފަށް ކުނި ޖަމާކުރާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަން ފާހަގަކޮށް، އެފްޑީސީން ބުނީ ބައެއް މީހުންނަށް މިހާރު ފިޔަވަޅު ވެސް އަޅާފައިވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


