ރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ އިތުރުން، މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ރައީސް ތަގްރީރުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުއިއްޒ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


