ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ މއ.ވޭސައިޑް 410 ފްލެޓް، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި ހުޅުމާލެ ފްލެޓް ނަންބަރު 01ޖީ-101، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އެވެ. މި ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމީ 02 ފެބުރުވަރީ 2026 ވީ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ ލ.އިސްދޫ ޒުނޯރިޔާ، އަލްއުސްތާޛު އަޙްމަދު ނިޔާޒެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ޢައްޔަންކުރި ފަނޑިޔާރުން ވަނީ އިއްޔެ، އެ ބޭފުޅުންގެ މަޤާމުގެ ހުވައި ކުރައްވައިފައެވެ.
މިގޮތުން މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދުއެވެ.
އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމްވަނީ 2011 މާރިޗް 26 އިން 2022 މޭ 31 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެވުނު އިރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. މީގެ އިތުރުން އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމާއި، ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރގެ މަޤާމާއި އަދި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީގެ ލީގަލް ކޮންސަލްޓެންޓްގެ މަޤާމު ފުރުއްވާފައެވެ.
އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގައެވެ. 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވާ އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
އަލްއުސްތާޛު އަޙްމަދު ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު އަޙްމަދު ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ. އަލްއުސްތާޛު އަޙްމަދު ނިޔާޒު މެޖިސްޓްރޭޓްކަމަށް ޢައްޔަންކޮށްފައިވަނީ 2013 ނޮވެންބަރު 13 ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


