މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު، އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫޢެކެވެ.
ބީއެމްއެލް އިން ބުނީ މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެއް ކަމަށާއި، މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން ކަމަށެވެ.
މިގޮތުން ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭ.އަ.އި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް ދައުވަތު ހުޅުވާލާ އެފަރާތްތަކާއި ގުޅިގެން މި ސެންޓަރުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މިސެންޓަރުން މަސައްކަތްކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ އިތުރުން، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ.
ބީއެމްއެލްއިން އިން ހާމަކުރާ ގޮތުގައި އެ ބޭންކްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
"މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ"، ބީއެމްއެލް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނާ ގޮތުގައި ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސއްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ. އަދި، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އަދި މުޅި ގައުމުގެ އިގުތިސާދަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މި ގުޅުމުގެ މުހިންމު އެއް އަމާޒު ކަމަށްވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް މިއަންނަ އެޕްރީލު މަހުގައި ފަށާނެ ކަމަށާއި، މި މަޝްރޫއާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


