މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީއާއި މ. މުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލައް / އާގެ، ޝާމު ޢަބްދުލްޤާދިރު (26އ) އާއި ހދ .ނޭކުރަންދޫ / ޝާރާޒް، އަޙްމަދު އިބްރާހީމް (46އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން ޝާމު ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު މުލަކު ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައި ކަމަށެވެ. މިގޮތުން މުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ނޭކުރެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަންގައެވެ. މިގޮތުން މި އޮޕަރޭޝަންގައި، ކުޅުދުއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރުކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާމު ޢަބްދުލްޤާދިރު ފަސް ދުވަހަށް އަދި އަޙްމަދު އިބްރާހީމް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


