މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އެޕާޓްމަންޓެއްގެ 148 މީހަކަށް ވަގުތީ އެހީ ފޯރުކޮށްދިން ކަމަށާއި އެކަމަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހޭދަވި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ 18:33 ހާއިރު ހިނގި މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާއާއި ގުޅިގެން ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، އެ އިމާރާތުގެ ހުރިހާ އެޕާޓްމަންޓުތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން އިޔާދަކޮށްދީފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މައުލޫމާތުދެއްވައެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާ ހިނގި ވަގުތުން ފެށިގެން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، އެހެނިހެން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކުން ގާތުން މަސައްކަތް ކޮށްދީފައިވާ ކަަމަށެވެ. މީގެއިތުރުންް މިހާރު ހުރިހާ އެޕާޓްމަންޓުތަކަކަށް އަސާސީ ޚިދުމަތްތައް ލިބިފައިވާތީ، އާއިލާތަކުގެ ދިރިއުޅުން ޢާންމު ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާދިސާގައި ހާލުގައި ޖެހުނު 148 މީހުން ވަގުތީ ބޯހިޔާވަހިކަމުގައި 5 ދުވަސް ވަންދެން ތިބެފައިވާއިރު، އެހެން ވުޒާރާތަކުން އަދި އިތުރު ފަރާތްތަކުންވެސް ވަނީ މި މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


