އެމްޓީސީސީން ބުނީ ރާއްޖޭޢގައި ހައި ސްޕީޑް ފެރީގެ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ " އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ރ އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އާ ރޫޓުގެ ސަބަބުން ރ. އުނގޫފާރާއި ރ. ދުވާފަރާއި ދެމެދު ކުރާ ދަތުރުތައް އިތުރުވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި އައު ރޫޓުގެ ޚިދުމަތް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ. މި ރޫޓުގައި ދަތުރުކުރާނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. އަދި މިފެރީގެ 2 ސީޓު (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަނީ ޚާއްސަކޮށްފައެވެ.
މި ރޫޓުގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާރްޓީއެލްގެ ޚިދުމަތް ރ.އަތޮޅަށް ފެށީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޚިދުމަތް ދެމުން އަންނަނީ 3 ރޫޓަކަށް، 2 ފެރީ ބޭނުންކޮށްގެންނެވެ.
ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


