ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، 2026 ފެބްރުއަރީ 01 ވަނަ ދުވަހު މާލެ ސަރަހައްދުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އެ މުއައްސަސާއިން ބުނެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ކުރާނެކަމަށް ބުނެފަވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


