ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އަސްނާފު ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެއް ކަމަށާއި، މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެ ކަމަށެވެ.
މިގޮތުން މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެ ކަމަށާއި، އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ޚިދުމަތް ހޯދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ކިއު.އާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލާ ސީދާ ގުޅިފައިވާނެ ކަމަށާއި، މީގެ ސަބަބުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެހީއަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކޮށް، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި، ޙައްޤުވެރީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މީގެ މަޤްޞަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަދި އަސްނާފު ކާޑު އިފްތިތާޙުކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ހޯދޭނެ ގޮތް ހެދުމަށް ރޭވިފައިވާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


