ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރުފުކޮށްފިއެވެ.
ޒަކާތު ހައުސް އިން ބުނީ ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެކަން ކުރިއަށް ގެންދިއުން ކަމަށެވެ.
މިގޮތުން މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ޒަކާތު ހައުސް އިން ބުނީ މި ގޮތަށް ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


