އަގު ހެޔޮ ފްލެޓް އިމާރާތްކުރުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފައިވާ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އިމާރާތް ކުރަން ފަށާފައިވާ އަގުހެޔޮ ފްލެޓުތަކުގެ މަސައްކަތް ނިންމައި 2028ގެ މެދުތެރޭގައި އާންމުންނަށް ދޫކުރަން ފަށާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އެކަން އިއުލާން ކުރެއްވީ ދ. ކުޑަހުވަދޫގައި އިމާރާތްކުރި ބީއެމްއެލްގެ އާ ބްރާންޗު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުއެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
ބީއެމްއެލް ކުޑަހަވަދޫ ބްރާންޗުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ފައިދާ އިތުރުވުމަކީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް މުހިންމު ކަންތައްތަކަށް އިސްކަންދިނުމަށް ލިބޭ އިތުރު ހިއްވަރެއް ކަމަށެވެ. އަދި ސަރުކާރާއެކު މިފަދަ މުހިންމު މަޝްރޫޢުތަކުގައި ބޭންކުން ޢަމަލީގޮތުން ބައިވެރިވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ނެޝަނަލް ހައުސިން އެފޯޑިބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާބެހޭ ގަވާއިދުގެ ދަށުން 3،000އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީން މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ލީސް ޓު އޯން މޮޑެލްގެ ދަށުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން 3260 ފްލެޓްގެ އަމަލީ މަސައްކަތް މިހާރު މި ބޭންކުގެ ސަބްސިޑަރީ ކުންފުނިން ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ފަށާފައި. 2028 ގެ މެދުތެރޭގައި މި ފްލެޓްތައް ލިބޭފަރާތްތަކާއި އިރާދަކުރެއްވިއްޔާ ހަވާލުކުރެވޭނެ. މީގެ އިތުރުން ސަރުކާރުން ހިންގަވާ މުހިންމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް ބޭންކިންގެ ހަރުދަނާ އުސޫލުގެ ތެރެއިން އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ ދޫކުރަމުން." ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ފަސް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އިމާރާތް ކުރަމުން އަންނަ 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ހަފުތާގަ އެވެ. އެ ފްލެޓުތައް އިމާރާތް ކުރަނީ ހުޅުމާލެ 1، ހުޅުމާލެ 3 އަދި ވިލިމާލޭގަ އެވެ.
ލެޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ތިން ކުންފުންޏެއް ކަމަށްވާ އާރުސީސީ އާއި އަމިން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު އަދި ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
ސޯޝަލް ހައުސިންގެ ފްލެޓުތައް އިމާރާތް ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބްލް ހައުސިން (އައިއެންއޭއެޗް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރަން އުފެއްދި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް