ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފިއެވެ. ގުރުއަތުލުން ކުރިއަށް ދަނީ، ސޯޝަލް ސެންޓަރުގައެވެ.
ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ ހާޒިރީންގެ ކުރިމަތީގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. އެ ވުޒާރާއިން ވިދާޅުވީ، ގުރުއަތުލާ ހޯލަށް ވަދެވޭނީ ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ކަމަށެވެ. އަދި ގޯތީގެ ވެރިފަރާތަށް ހާޒިރުނުވެވޭނަމަ، ބަދަލުގައި މީހަކު ފޮނުވޭނީ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައި ކަމަށެވެ.
ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ފަރާތަކަށްވެސް ލިބޭ ޕްލޮޓްގެ މަޢުލޫމާތު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޔެސް ޓީވީ އިންނާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ދަނީ، ވަގުތުން ދުރަށް ދައްކަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


