މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަދި އެސޯސިޔޭޝަން އޮފް ދަ މޯލްޑިވިއަން އިންޑިޖެނަސް މެޑިކަލް ޕްރެކްޓީޝަނަރސް (އޭ.އެމް.އައި.އެމް.ޕީ) އާއި ދެމެދު ދިވެހި ބޭސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ކުރިއަށްގެންދާ ކޯސްތަކުގެ ނޭޝަނަލް ސްޓޭންޑަރޑްތައް ކަނޑައެޅުމާއި، މިވަގުތު ދިވެހި ބޭސްވެރިކަމުގެ މަސައްކަތްތަށް ކުރަމުންދާ ބޭފުޅުންނަށް ޤައުމީ ފެންވަރުގެ ސެޓްފިކެޓް ޙަވާލުކުރުމުގެ މައްޗަށް ވަނީ އަލިއަޅުވާލެވިފައެވެ. މީގެ އިތުރުން، މި ދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަށީގެންވާ ފެންވަރުގެ ތަމްރީނުތައް ފޯރުކޮށްދިނުމާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.
ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވައި ޢާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން، މި މަސައްކަތް ކާމިޔާބުކުރުމަށް އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ޕްރޮގްރާމްތަކުގެ ސްޓޭންޑަރޑްތައް ކަނޑައަޅައި، މިފަދަ ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންނަށް ޤައުމީ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓް ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


