އެމްޕީއެލުން ވިދާޅުވީ، މި ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ ގާތްގަނޑަށް 19 އަހަރަށް ފަހު ކަމަށެވެ.
މި މަސައްކަތަކީ އެ ކުންފުނިން ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑް އަދި މެއިންޓެއިންކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެއް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ކެރޭންތަކުގެ ކޮންޓްރޯލް އަދި ޑްރައިވް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ކެރޭންތަކުގެ ޕަވަރ އަދި އިންޖީނު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އެމްޕީއެލުން ހާމަކުރި ގޮތުގައި މިހާރު ބޭނުންކުރަމުންދާ އާރުޓީޖީ ކެރޭންތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އުޅަނދުތަކެކެވެ. ގާތްގަނޑަކަށް 19 އަހަރުގެ މުއްދަތަކަށް މި ކްރޭންތައް ބޭނުންކޮށްފައިވުމުން، އޭގެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުބާރު ހިފޭ ގޮތަށް މަސައްކަތް ކުރުމަށް މި އަޕްގްރޭޑަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މުދާ ކްލިއާ ކުރުން ލަސްވުމަކީ މީގެ ކުރިން އެތައް ވިޔަފާރިވެރިންނެއް ކުރަމުން އައި ޝަކުވާއެެކެވެ. އެހެންކަމުން ކެރޭންތަކަށް މިގެންނަ އަޕްގްރޭޑާއެކު ބަނދަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވިވެ، މުދާ ހޭންޑްލް ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން މުދާ އަވަހަށް ކްލިއާ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


