ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ހިދުމަތް މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ފުޅާކުރުމަށް ސަރުކާރުންވަނީ މަޝްރޫޢެއް ފައްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން އެންމެފަހުން ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވަނީ، ދ. އަތޮޅު ހޮސްޕިޓަލުގައެވެ.
ދ. އަތޮޅު ހޮސްޕިޓަލް ޑަޔަލިސިސް ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދ. އަތޮޅު ހޮސްޕިޓަލަކީ މި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި ޚިދުމަތް ފެށި 10 ވަނަ ހޮސްޕިޓަލު ކަމަށެވެ. އަދި މީގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުން ޑަޔަލިސިސް ހެދުމަށްޓަކައި އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓި، ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މީގެ މާނައަކީ 2024ވަނަ އަހަރާއި 2025ވަނަ އަހަރު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހަމައެކަނި ޑަޔަލިސިސްގެ ޚިދުމަތް 10 ރަށުގެ ރައްޔިތުން، ތިބޭފުޅުން ހިސާބުޖައްސަވާ، 10 ރަށުގެ ރައްޔިތުން އެވްރެޖްކޮށް ކިހާ އާބާދީއެއްތޯ ބައްލަވާ ތިބޭފުޅުންނަށް އަޅުގަނޑު އެ ހިސާބު ދޫކޮށްލައްވާނަން. 10 ރަށުގެ ރައްޔިތުން މިހާރު އެހެން ރަށަކަށް ދަތުރުނުކޮށް ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


