އެއްފަހަރާ ގިނަ އެކައުންޓުތަކަށް ފައިސާ ފޮނުވޭ 'ބަލްކް ޕޭމަންޓް'ގެ ޚިދުމަތް ވިޔަފާރިތަކަށް ލިބޭގޮތް ގައުމީ ބޭންކު ބީއެމްއެލުން މިއަދު ހަދައިފިއެވެ.
ބީއެމްއެލުން ބުނީ، ބަލްކް ޕޭމަންޓް ޚިދުމަތް މެދުވެރިކޮށް މުސާރައާއި އިނާޔަތް ފަދަ ފައިސާއާއި ކުންފުނިތަކުގެ ހިއްސާދާރުންނަށް ލިބޭ ފައިދާ، އެއްފަހަރާ ގިނަ އެކައުންޓުތަަށް ފޮނުވޭނެ ކަމަށެވެ.
ބަލްކް ޕޭމަންޓްގެ ޚިދުމަތަކީ، ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތާ ގުޅޭގޮތުން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެކަމަށާއި، މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ޙައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި މުޖުތަމަޢުތައް ބާރުވެރި ކުރުވުމަށް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

