"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް އެމީހުންނަކީ މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނު ބައެއްކަމަށް ކަނޑައަޅައި، ކައުންސިލު މެދުވެރިކޮށް ލިޔުން ދޫނުކުރާނެ ކަމަށް މަޑަވެލީ ކައުންސިލުން ބުނެފި އެވެ.
މަޑަވެލި ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މާލޭ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު، އެ ރަށުގެ ވަރަށް ގިނަ ބަޔަކު، މާލޭގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.
އެކަމަކު، މަޑަވެލީގައި ރަށްވެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންގެ ރެކޯޑްތަކަކީ، ދިރިއުޅުން ބަދަލުކުރި އަހަރާ އެކު އެ ކައުންސިލުން ރަސްމީ ސިފައެއްގައި ކުރިން ބަލަހައްޓާފައިވާ މައުލޫމާތުތަކެއް ނޫން ކަމަށް ބުންޏެވެ.
"އެހެންކަމުން، މި ކައުންސިލުން އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް މިފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.
އެގޮތަށް ނިންމީ، ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތުގެ އުސޫލުގައި ވާގޮތުން، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށްނުދެވޭ ލިޔުމަކަށްވާ ނަމަ، އެ ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާ 3،000 ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ އަދި މިހާރު ވެސް އުޅެމުންދާ މީހުންނަށެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް އެކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާ ނަމަ، އެ އިދާރާއަކުން ދީފައިވާ ލިޔުން ހިމެނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


