ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް މަސްދަޅު ކޭސް ބަހަން މިރޭ ފަށާނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުޢިއްޒު އިޢުލާނުކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެގޮތުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނަށް މަސްދަޅުކޭސްތައް ގެންދިއުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވަނީ މިރެއިން ފެށިގެންނެވެ. އެގޮތުން، ކޮންމެ ރެއެއްގެ 8:00އިން ފެށިގެން 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެއެވެ.
އެ ވުޒާރާއިން މަސައްކަތްކުރައްވަނީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުމަށެވެ.
މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
* މިފްކޯ މަރުކަޒު
* ސޯޝަލް ސެންޓަރު
* އެމްޓީސީސީ ސޯމިލު
* ހެންވޭރު ބޯޅަދަނޑު
* ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
ޢުމަރުޒާހިރު ބިލްޑިންގް
ޕޮލްކޯޓަވަރ
މުހައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:
ކާމިލުދީދީ ސްކޫލް
ހިޔާޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
ވެމްކޯސައިޓު
ރޯދަމަހަށް ހާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 18ވަނަ ދުވަހެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


