އަތޮޅުތަކުގެ ސްކޫލުތަކުން މިއަހަރު 1530 ދަރިވަރަކު މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވާން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން، އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް ކިޔެވުން ބަދަލުކުރަން އެދި އެންމެ ގިނައިން ހުށަހަޅާފައިވަނީ، ހުޅުމާލޭގެ ސްކޫލުތަކަށެވެ.
އެގޮތުން ހުޅުމާލޭގެ ސްކޫލުތަކަށް 753 ދަރިވަރަކު ޖާގަ ހޯދަން ހުށަހަޅާފައިވެ އެވެ. މާލޭގެ ސްކޫލުތަކުން ޖާގަ ހޯދަން ހުށަހަޅާފައިވަނީ، 694 ދަރިވަރެކެވެ. އަދި، ވިލިމާލޭގެ ސްކޫލުތަކަށް ވަނުމަށް 83 ދަރިވަރަކު ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، މާލެއިން ހުޅުމާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް ވެސް 836 ދަރިވަރަކު ހުށަހަޅާފައިވެ އެވެ.
މި މައުލޫމާތުގައި ވާގޮތުން މިއަހަރު، މާލެއިން ގްރޭޑް 1 އަށް ވަނުމަށް 1748 ދަރިވަރަކު ހުށަހަޅާފައިވެ އެވެ. އަތޮޅުތަކުގެ ސްކޫލުތަކުގައި ގްރޭޑް 1 އަށް ވަނުމަށް ހުށަހަޅާފައިވަނީ 3042 ދަރިވަރެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


