އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވަނީ މީގެކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި މިވާހަކަ ތަކުރާރުކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ. މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި ޗާގޯސްއާ ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު މިމައްސަލައިގައި ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްނަމަވެސް މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ." ރައީސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


