އަންނަ އޭޕްރީލު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އޮބްޒާވްކުރުމުގެ ފުރުޞަތު ކޮންމެ ފަހަރަކުވެސް އިލެކްޝަންސް ކޮމިޝަނުން ބޭރުގެ ފަރާތްތަކަށް ހުޅުވާލައްވައެވެ. ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކީ އެހެން އަހަރުތަކާއި ޚިލާފަށް އިދާރީ ގިނަ ކަންކަން ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށް ގެންދާ އިންތިޚާބެކެވެ. ވޯޓާސް ލިސްޓާއި ގުޅޭ ކަންކަމުން ފެށިގެން ގޮސް ކެނޑިޑޭޓުން ފޯމު ބަލައިގަތުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


