ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އޮންނާނީ އޭޕްރީލް މަހުއެވެ.
ރަޖިސްޓަރީވުމުގެ ފުރުޞަތު އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން 1414 އަށް ގުޅައިގެން ރަޖިސްޓަރީކުރަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ޚިދުމަތް ލިބޭނެއެވެ.
މިއަހަރުގެ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓްލުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އާއްމުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ. އިލެކްޝަނުން އާންމުކުރި ލިސްޓަށް ބަލާއިރު ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


