ނިމުނު 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107،205،043 ރުފިޔާ ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 102،281،507 ރުފިޔާއެވެ. އެހެންކަމުން މިއީ %4.8 އިތުރު އަދަދެކެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ މާރޗު މަހުއެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި 23 މިލިޔަން ރުފިޔާ ބަލައިގަނެފައިވެއެވެ. ދެ ވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، ޖުލައި މަހުއެވެ. އެމަހު 12 މިލިޔަން ރުފިޔާ ލިބުނެވެ. ތިންވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، އޭޕްރީލް މަހުއެވެ. އެމަހު 11 މިލިޔަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، ޑިސެމްބަރ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


