މި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މީގެތެރެއިން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވިދާޅުވިއެވެ.
އެންސްޕާއިން ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް މިމަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ފެށޭނެކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


