މި އަހަރު ރޯދަ މަހު ރައްޔިތުންނަށް ބަހަށް 118,000 މަސްދަަޅު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް ބުނެފި އެވެ.
ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފަ އެވެ.
މިފްކޯ އިން ބުނީ މިހާރު ދަނީ ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިންމާލެވޭނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކަމަށެވެ. އަދި ބަންދުކޮށްފައިވާ 3،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޯޓުގައި ގުދަންކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 111،231 މަސްދަޅު ކޭސް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.




